PEDRO PARDO / AFP

ސީޕީޖޭގެ ސަލާމަތީ އިލްތިމާސް: ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ޚަބަރުތައް ކަވަރުކުރުން

14 އޯގަސްޓް 2020 ގައި އަދާހަމަކުރެވިފައި

ކޮވިޑް-19 އަކީ ޕެންޑެމިކް ނުވަތަ  މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން 11 މާޗް 2020 ގައިވަނީ ކަނޑައަޅާފައެވެ. 

މިވައިރަހާއި ދެކޮޅަށް ސަރުކާރުތަކުން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު އާންމުންނަށް ގެނެސްދިނުމަށްޓަކައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ނޫސްވެރިންދަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެތައް ގައުމުތަކެއްގެ ސަރުކާރުތަކުން މިނިވަން ނޫސްވެރިކަމާއި މައުލޫމާތު ހޯދުމުގެ މަގުތައް ބަންދުކުރުމަށް މަސައްކަތްކުރިނަމަވެސް ނޫސްވެރިން މިމަސައްކަތް ކުރަމުގައި ދެމިތިބިކަން ސީޕީޖޭއިން ވަނީ ފާހަގަކޮށްފައެވެ. ސީޕީޖޭއާއި ނޫސްވެރިންނާއި ދެމެދު ދެކެވުނު ވާހަކަތަކުން އެނގިފައިވަނީ، މީޑިޔާގައި މަސައްކަތްކުރާ މީހުން ވަރަށް ދަތި އަދި ޕްރެޝަރު ބޮޑު މާހައުލުތަކުގައި މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި ކުރަމުންދާ ދަތުރުތަކާއި، އިންޓަވިޔުތަކާއި، އުޅެންޖެހޭ ތަންތަނުގެ ގޮތުން މިބައްޔަށް ހުށައެޅުމުގެ ފުރުސަތު ބޮޑުކަމެވެ. ކޮވިޑް-19 އާއި ގުޅިގެން ނޫސްވެރިންނަށް ވަނީ ސެންސަރުކުރުމާއި، ހައްޔަރާއި، ޖިސްމާނީގޮތުން އަދި އޮންލައިން ފުރައްސާރައާއި، އާމްދަނީ ހޯދާނެ މަގުގެއްލުމާއި ކުރިމަތިލާންޖެހިފައިކަން، ސީޕީޖޭއިން ދާދިފަހުން ރިޕޯޓުކޮށްފައިވާނެއެވެ.

ހާލަތު ބަދަލުވަމުންދާ މިންވަރަށް ބެލުމަށްފަހު، އެވަގުތަކަށް އެންމެ އެކަށީގެންވާ ރައްކާތެރިކަމުގެ އެންގުންތަކާއި މައުލޫމާތު ކަމާބެހޭ ފަރާތްތަކުން އަންގަމުންދާނެއެވެ. މިބަލި ކަވަރުކުރާ ނޫސްވެރިން، ޑަބްލިޔުއެޗްއޯ އާއި އެޤައުމެއްގެ ސިއްހީ އިދާރާތަކުން އަންގާ އެންމެފަހުގެ އެންގުންތަކާއި ތަންފީޒުކުރަމުންދާ ހުރަސްތަކުގެ މައުލޫމާތު ހޯދާ، ބަލަމުން ގެންދަންވާނެއެވެ. 

ދުނިޔޭގައި މިބަލި ފެތުރެމުންދާ ގޮތުގެ އެންމެ ފަހުގެ ތަފްސީލުތައް ހޯދުމަށް ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ ކޮރޯނާވައިރަސް ރިސޯސް ސެންޓަރަކީ އިތުބާރުހިފޭ ވަސީލަތެކެވެ.


ފީލްޑުގައި އުޅޭއިރު ރައްކާތެރިވުން

ބައިނަލްއަޤްވާމީ ދަތުރުތަކަށް އަޅާފައިވާ ހުރަސްތައް އަދިވެސް އެބަހުއްޓެވެ. އަވަސް އަވަހަށް މިއުސޫލުތަށް ބަދަލުވަމުންދެއެވެ. މުޅި ދުނިޔޭގެހާލަތު ބަދަލުވެ ތަފާތު ވަމުންދާ ހަލުވިމިނުގެ ސަބަބުން އެންގުމަކާ ނުލާ އެސައިމަންޓްތައް ބަދަލުވުން ނުވަތަ ކެންސަލް ވުމަކީވެސް ވަރަށް ގާތްކަމެކެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ހަބަރުތައް ކަވަރުކުރާ ނޫސްވެރިން ތިރީގައިވާ ރައްކާތެރިކަމުގެ މައުލޫމާތަށް ސަމާލުކަންދިނުން މުހިންމެވެ.

އެސައިމެންޓުގެ ކުރިން

  • މީހުންނާއި ބައްދަލުކުރުމުގެ ބަދަލުގައި ފޯން އަދި އޮންލައިން އިންޓަވިޔުތަކަށް ކުރިއަށް އޮތްތާވެސް އިސްކަން ދޭންވާނެއެވެ.
  • އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރެވެންޝަން (ސީ.ޑީ.ސީ) އިން ބުނާ ގޮތުގައި މިބަލީގެ ނުރައްކާ އެންމެ ބޮޑަށް އޮތީ އުމުރުން ދުވަސްވީ މީހުންނާއި ހަކުރުބަލިފަދަ ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހުންނަށެވެ. މީގެން ކެޓަގަރީއަކަށް ނިސްބަތްވާނަމަ، އާންމުންގެ ތެރެއަށް ނިކުމެ ކުރަންޖެހޭ ފަދަ ނޫސްވެރިކަމުގެ މަސައްކަތްތަކުގައި ބައިވެރިވާކަށް ނުވާނެއެވެ. މިފަދައިން މާބަނޑު މުވައްޒަފުންނަށްވެސް ސަމާލުކަން ދޭންވާނެއެވެ.
  • ކޮވިޑް-19ގެ ބަލިމަޑުކަމުގެ އެއްވެސް ޚަބަރެއް ރިޕޯޓުކުރުމަށް ނޫސްވެރިން ޚިޔާރުކުރާއިރު، ބައެއް ޤައުމުތަކުގެ މީހުންނާއި ދެކޮޅަށް ނަސްލީ ގޮތުން ތަފާތުކޮށް ދެމުންދާ ހަމަލާތަކަށް ސަމާލުކަންދިނުމަށް މެނޭޖްމަންޓުން ވިސްނަންވާނެއެވެ. މިކަން ވަނީ އެންއެޗްކޭ ވޯލްޑް އިންވެސް ފާހަގަކޮށްފައެވެ.
  • ފޯބްސް ނޫހުން ހަބަރުދޭގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތައްދިން ބައެއް ގައުމުތަކުން އަލުންވަނީ އެ ފިޔަވަޅުތައް އަލުން އިޔާދަކޮށްފައެވެ. ވީމާ، ނޫސްވެރިން މަސައްކަތުގައި އުޅެނިކޮށް ބަލިޖެހި ގިނަދުވަސްތަކަކަށް އެކަހެރިކުރެވިފައި ނުވަތަ ކަރަންޓީނު ފެސިލިޓީ އެއްގައި ކަރަންޓީނު ކުރެވިދާނެކަމަށް ސަމާލުވެ، މިފަދަ ހާލަތެއްގައި މީޑިޔާގެ މެނޭޖްމަންޓުން ނޫސްވެރިޔާއަށް އެހީތެރިވެދޭނޭ ގޮތާއިމެދު ކުރީބައިގައި މަޝްވަރާކުރާށެވެ.

ނަފްސާނީ ދުޅަހެޔޮކަން

  • ކޮވިޑް-19 ބަލިމަޑުކަމުގެ ހަބަރުތައް ރިޕޯޓުކުރާއިރު، އެންމެ ތަޖުރިބާކާރު ނޫސްވެރިންނަށްވެސް ނަފްސާނީގޮތުން ދަތިތަކަކާ ކުރިމަތިލާން ޖެހޭކަން ރޮއިޓާސް އިންސްޓިޓިޔުޓް އެޓް ދަ ޔުނިވަރސިޓީ އޮފް އޮކްސްފޮޑް އިންވަނީ ފާހަގަކޮށްފައެވެ. އެހީތެރިކަން ބޭނުންޖެހޭ ހާލަތްތަކުގައި އެހީ ކަށަވަރުކުރުމަށް މެނޭޖްމަންޓުން ނޫސްވެރިންގެ ހާލު އަހުވާލު އާދަކޮށް ބަލަންވާނެއެވެ.
  • ކޮވިޑް-19 ގެ ޚަބަރު ކަވަރުކުރާ ނޫސްވެރިޔެއްނަމަ، އާއިލާއިން މިކަމާއިމެދު ވިސްނާ ކަންބޮޑުވެދާނެއެވެ. އާއިލާގެ ކޮންބޮޑުވުންތަކާއި ބެހޭގޮތުން އަދި ނުރައްކާ އޮތް މިންވަރާއިމެދު  އާއިލާގެ މެމްބަރުންނާއި ވާހަކަދައްކާށެވެ. ބޭނުންޖެހިއްޖެނަމަ، އާއިލާގެ މެމްބަރުންނާއި ނިސްބަތްވާ މީޑީޔާގެ ސިއްޙީ ލަފާދާރުންނާއި ގުޅުވާ ވާހަކަ ދެއްކޭނެ ގޮތް ހަދާށެވެ. 
  • ކޮވިޑް-19 ގެ ކަންކަން ރިޕޯޓުކުރުމުގައި އުޅޭ ނޫސްވެރިން ސީޕީޖޭއަށް ކިޔައިދީފައިވާ ގޮތުގައި، އާއިލާއާއި ރައްޓެހިންވެސް ރައްކާތެރިކަމާމެދު ސުވާލު އުފައްދާ އަދި ނުރުހުމާއެކު ވާހަކަ ދައްކަމުންދެއެވެ. މިހެން ކަން ދިމާވާނަމަ ނުތަނަވަސްކަން އިތުރުވެދާނެއެވެ.
  • ކޮވިޑް19 ފެތުރިފައިވާ ސަރަހައްދަކުން، އަދި ވަކިން ހާއްސަކޮށް ސިއްހީ ހިދުމަތްދޭ، އައިސޮލޭޝަން ނުވަތަ ކަރަންޓީނު ފެސިލިޓީއަކުން ރިޕޯތުކުރާނަމަ ނަފްސާނީ ގޮތުން ކޮށްފާނެ އަސަރާއި މެދު ވިސްނާށެވެ. ނަފްސާނީގޮތުން ނާޒުކު ހާލަތްތައް ކަވަރުކުރާ ނޫސްވެރިންނަށް ބޭނުންތެރި ވަސީލަތްތަކެއް ޑާޓް ސެންޓަރ ފޯ ޖާނަލިޒަމް އެންޑް ޓްރޯމާ އިން ލިބެން ހުންނާނެއެވެ. ކޮވިޑް19 ކަވަރުކުރާ ނޫސްވެރިންގެ ނަފްސާނީ ދުޅަހެޔޮކަން ހިފެހެއްޓުމަށް ބޭނުންކުރެވޭނެ އިތުރު އެހެން ވަސީލަތްތަށް ހޯދުމަށް ސީޕީޖޭގެ އެމަޖެންސީ ޕޭޖަށް ރިއާޔަތްކުރާށެވެ.

ބަލިން އިންފެކްޓުވުމުން އަދި އެހެން މީހުން އިންފެކްޓުވިޔަދިނުމާ ދުރުވުން

ގިނަ ގައުމުތަކެއްގައި ދަނީ އިޖުތިމާއީ އަދި ޖިސްމާނީ ގައިދުރުވުން އާދަ ކުރަމުންނެވެ. ނަމަވެސް ރޮއިޓާސް އިން ބުނާގޮތުގައި ރައްކާތެރި ދުރުމިން ކަމަށް އެކިގައުމުތަކުން ބަލާ ދުރުމިން ތަފާތެވެ. އިމަޖެންސީ ފަރުވާދެމުންދާ ތަނަކުން ނުވަތަ ތިރީގައިވާ ފަދަ ރިސްކް ބޮޑު ތާކަށް ގޮސްގެން ރިޕޯޓުކުރާނަމަ، ދިޔުމުގެ ކުރިން އެތަނަކަށް ގުޅާ، ސާފުތާހިރުކޮށް ބަހައްޓަން އަޅާ ފިޔަވަޅުތައް އޮޅުންފިލުވާށެވެ. އެއްވެސް ވަރަކަށް ރައްކާތެރިކަމާއިމެދު ޝައްކު ކުރެވޭނަމަ އެތަނަކަށް ނުދާށެވެ.

  • އެއްވެސް ސިއްހީ ހިދުމަތްދޭ މަރުކަޒެއް
  • އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒެއް
  • ބަލި/އުމުރުންދުވަސްވީ މީހެއް ނުވަތަ ސިއްހީ މައްސަލަ ހުންނަ މީހެއް ނުވަތަ މާބަނޑު މީހެއްގެ ގެޔެއް
  • މަސް ޕްރޮސެސްކުރާ ކާރުހާނާ ފަދަ ބަލިފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ލަފާކުރެވޭ ކާރުހާނާއެއް
  • މޯޗަރީ ނުވަތަ މަރުވެފައިވާ މީހުންގެ ޖަނާޒާ ބާއްވާ ތަނެއް
  • ކަރަންޓީނު، އައިސޮލޭޝަން، ނުވަތަ ލޮކްޑައުން ސަރަހައްދެއް
  • މީހުން ތޮއްޖެހިގެން ދިރިއުޅޭ އެއްވެސް ތަނެއް (ސްލަމް ނުވަތަ ފަވޭލާ ފަދަ)
  • ރެފިޔުޖީ ކޭމްޕެއް
  • ކޮވިޑް19 ފެނިފައިވާ ޖަލެއް ނުވަތަ ބަންދު މަރުކަޒެއް

 ބަލި ގަޔަށް އެރިޔަ ނުދިނުމަށް، އާއްމު އުސޫލެއްގެ ގޮތުން ސަމާލުކަން ބަހައްޓަންވީ ކަންކަން:

  • ރައްކާތެރި ދުރުމިން ކަމަށް އެގައުމެއްގެ ކަމާބެހޭ ފަރާތްތަކުން ލަފާދޭ ދުރުމިން ބަހައްޓާށެވެ. ކެއްސާ، ކިނބިހި އަޅާ ނުވަތަ ނޭވާލާނިޒާމުގެ ބައްޔެއްގެ އަލާމާތް ހުންނަ މީހުން ކައިރީ މިކަމަށް އިތުރަށް ފަރުވާތެރިވާށެވެ. އަދި އުމުރުން ދުވަސްވީ މީހެއް ނުވަތަ ސިއްހީ މައްސަލައެއް ހުންނަ މީހެއް، ނުވަތަ އަލާމާތްތައް ހުންނަ މީހަކާ ގާތް މީހެއް ނުވަތަ ސިއްހީ ހިދުމަތްދޭ މަސައްކަތްތެރިން އިންޓަވިޔުކުރާއިރުވެސް ފަރުވާތެރިވާށެވެ.
  • މީހުން އިންޓަވިޔު ކުރުން ބޭރުތެރޭ ކުރެވޭތޯ ބަލާށެވެ. އިމާރާތެއް ތެރޭގައި އިންޓަވިޔު ކުރާނަމަ ވައި ދަތުރުކުރާފަދަ ތަނެއްގައި (މިސާލަކަށް ކުޑަދޮރު ހުޅުވާފައި) އިންޓަވިޔު ކުރާށެވެ. ބަންދުކޮށް ހުންނަ ކުދި ކޮޓަރިތަކުގައި އިންޓަވިޔުނުކުރާށެވެ.
  • މީހުންނާއި އަތްޖޯޑުކޮށް ސަލާންކޮށް، ބައްދާ، ބޮސްދީ ނުހަދާށެވެ.
  • މީހުންނާ އިންޓަވިޔު ކުރާއިރު، އެމީހެއްގެ މޫނާ ސީދާ ކުރިމަތިލައިން ހުރުމުގެ ބަދަލުގައި އެއްފަރާތަކަށް ވާގޮތަށް ހުންނާށެވެ. އަދި އަބަދުވެސް ރައްކާތެރި ދުރުމިނެއް ބަހައްޓާށެވެ.
  • ހޫނު ފެނާއި ސައިބޯނި ބޭނުންކޮށްގެން މަދުވެގެން 20 ސިކުންތު ގަވައިދުން އަތްދޮންނާށެވެ. އެޔަށްފަހު އަތް ރަނގަޅަށް ހިއްކަން ހަނދާންކުރާށެވެ. އަތްދޮވެ، އަތްހިއްކަންވާ ރަނގަޅުގޮތުގެ ވަރަށް ބޭނުންތެރި ގައިޑެއް ޑަބްލިޔުއެޗްއޯގެ ވެބްސައީޓުން ފެންނާނެއެވެ. 
  • ސައިބޯންޏާއި ހޫނުފެން ލިބެންނެތްނަމަ އެންޓި ބެކްޓީރިޔަލް ޖެލް ނުވަތަ ތެތް ޓިޝޫ (ވައިޕްސް) ބޭނުންކުރާށެވެ. ނަމަވެސް ހޫނުފެނާއި ސައިބޯނި ލިބުނުހާ އަވަހަކަށް އަތްދޮންނަން ވާނެއެވެ. (ސީޑީސީ އިން ލަފާދެނީ އަލްކަހޮލް ބޭސްޑް، 60 ޕަސެންޓް އިތެނޮލް ނުވަތަ 70 ޕަސެންޓް އައިސޮޕްރޮޕެނޮލް އެކުލެވިގެންވާ ސެނިޓައިޒާ ބޭނުންކުރުމަށް). ސެނިޓައިޒާއިން އަތްސާފުކުރުމަކީ އަތްދޮވުމުގެ ބަދަލުގައި އަބަދު ކުރާކަމަކަމަށް ނުހަދާށެވެ. 
  • އަބަދުވެސް ކެއްސާ ކިނބިހި އަޅާއިރު އަނގަ އަދި ނޭފަތް ނިވާކުރާށެވެ. ޓިޝޫއަކަށް ކެއްސާ ކިނބިހި އަޅާނަމަ، ރައްކާތެރިގޮތަކަށް ޓިޝޫ ޑިސްޕޯޒް ކުރުމަށްފަހު ރަނގަޅަށް އަތްދޮންނަން ހަނދާންކުރާށެވެ. 
  • މޫނާއި، ނޭފަތާއި، އަނގަޔާއި، ކަންފަތުގައި އަތްލުމުގެ އާދަ ހުއްޓާލަން ބީބީސީ އިން ފާހަގަކޮށްފައިވާހެން މަސައްކަތްކުރާށެވެ.
  • އެހެންމީހުން ބޭނުންކޮށްފައިވާ ޖޯޑު، ތަށި، އޫ، ސަމުސާ ފަދަ ތަކެތި ބޭނުންކުރުމުން ދުރުވާށެވެ. 
  • ގައިގައި ހުންނަ އިސްތަށި ނިވާކުރާށެވެ. ބޯދިގުނަމަ ބޯ އެއްސުމަށްފަހު ނިވާކުރާށެވެ.
  • އެސައިމަންޓަކަށް ދިޔުމުގެ ކުރިން އަތުކުރި ގަޑި، ފަށް، ކަންފަތުގައިލާ ތަކެތި ފަދަ އެއްޗެހި ބާލާށެވެ. ވައިރަސް އެކިކަހަލަ މައުދަން ތަކުގައި އެކި މުއްދަތަށް ހަރުލާހުންނަ ކަމަށް ސަމާލުވާށެވެ.
  • އައިނު އަޅާނަމަ ރަނގަޅަށް ހޫނުފެނާއި ސައިބޯނި ލައިގެން އައިނު ދޮވުމަށް އާދަކުރާށެވެ.
  • އެސައިމަންޓުގައި އުޅޭއިރު ކޮންޓެކްޓް ލެންސް ނުލައްވާ އުޅެވޭތޯ ބަލާށެވެ. އެއީ ލޮލުގައި އަތްލުމާއި އިންފެކްޝަން ފެތުރުމުގެ ފުރުސަތު ވީހާވެސް ކުޑަކުރުމުގެ ގޮތުންނެވެ.
  • ލާނޭ އަންނައުނު ޚިޔާރުކުރާއިރު، ފަސޭހައިން ސާފުކުރެވޭފަދަ ފޮތީގެ އަންނައުނަށް އިސްކަންދޭށެވެ. އެސައިމެންޓަކަށްފަހު ހުރިހާ ހެދުމެއްވެސް ފަރުވާބަހައްޓައިން ބާލައި ހޫނުފެނާއި ޑިޓާޖެންޓް ލައިގެން ދޮންނަންވާނެއެވެ.
  • ނަގުދު ފައިސާ ބޭނުންނުކޮށް ވޭތޯ ބަލާށެވެ. އަދި ކްރެޑިޓް/ޑެބިޓް ކާޑާއި، ވޮލެޓް ނުވަތަ ޕާސް އާދަކޮށް ސާފުކުރާށެވެ. ޖީބަށް އަތްނުލާ އުޅެވޭތޯ ބަލާށެވެ.
  • އެސައިމަންޓަށް ނިކުންނައިރު ދަތުރުކުރާނެ ގޮތާއިމެދު ސަމާލުވާށެވެ. ގިނައިން މީހުން ދަތުރުކުރާ ޕީކް ގަޑިތަކުގައި ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ނުކުރުމަށާއި އުނޅަދުން ފޭބުމަށްފަހު ސެނިޓައިޒާ ލުމަށް ހަނދާންކުރާށެވެ. 
  •  އަމިއްލަ ވެހިކަލެއް ނުވަތަ ކުންފުނީގެ ވެހިކަލެއްގައި ދަތުރުކުރާނަމަ، ބަލިޖެހިފައިވާ މީހެއްގެ ފަރާތުން ވެހިކަލްގައި އިންނަ އެހެން މީހަކަށް ވައިރަސް ފެތުރިދާނެކަމަށް ސަމާލުވާށެވެ. މިކަން ބީބީސީ އިންޑިޔާއިން ދާދިފަހުންވަނީ ފާހަގަކޮށްފައެވެ. ވެހިކަލްގެ ތެރެއިން ވައިބޭރުވާނޭހެން ކުޑަދޮރު ތިރިކޮށްގެން ދަތުރުކުރާށެވެ. އަދި ވެހިކަލްގައި ދަތުރުކުރާއިރު މާސްކު އެޅާށެވެ.
  • މަސައްކަތުގައި އުޅޭއިރު ބުރޭކް ނަގާ ވަރުބަލިކަން ހުންނަ މިންވަރަށް ސަމާކުވާށެވެ. ވަރުބަލިކަމާއެކު މަސައްކަތްކުރާއިރު ސިއްހީ ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަމުގައި ފަރުވާކުޑަކުރެވޭނެއެވެ. މަސައްކަތް ފެށުމާއި ނިންމުމަށްފަހު ދަތުރުކުރަން ނަގާ ވަގުތުވެސް މީގެތެރޭގައި ހިމަނަންވާނެއެވެ.
  • ބަލީގެ އަސަރު ކޮށްފައިވާ ސަރަހައްދަކަށް ދިޔުމުގެ ކުރިންނާއި، އެސަރަހައްދުގައި އުޅޭއިރު އަދި އެނބުރި އައުމަށްފަހު ހޫނުފެނާއި ސައިބޯނި ލައިގެން އަތްދޮންނާށެވެ.
  • ބަލީގެ އަލާމާތްތައް  ފެންނަން ފަށައިފިނަމަ، ޚާއްސަކޮށް ހުންއައިސް ނޭވާކުރުވާނަމަ، ފަރުވާ ހޯދާނޭގޮތަކާއި މެދު ވިސްނާށެވެ. ބަލި ފެތުރުނަ ނުދިނުމަށް އެކި ގައުމުތަކުގެ ސިއްޚީ އިދާރާތަކުން ދަނީ އަމިއްލަޔަށް އެކަހެރިވުމަށް ލަފާދެމުންނެވެ. ބަލީގެ އަސަރު ވަރަށްބޮޑަށް ކޮށްފައިވާ ތަނެއްގައި މަސައްކަތް ކުރާނަމަ، ފުރިބާރުވެފައިވާ، ފަރުވާދޭ މަރުކަޒުތަކަށް ދާ ކޮވިޑް-19 ބަލި ޖެހިފައިވާ ބަލިމީހުންނާއި ދިމާވުން އެކަށީގެންވެއެވެ. މިހާލަތުގައި ބަލިޖެހުމުގެ ފުރުސަތު އިތުރަށް ބޮޑުވެޔެވެ.
  • ރޯ ނުފިލުވާ ހުންނަ ބިހާއި މަސް ނުކާށެވެ.

އިކުއިޕްމަންޓް ރައްކާތެރިކުރުން

ގެންގުޅޭ އާލާތްތަކުގެ ޒަރީއާއިން ކޮވިޑް-19 ފެތުރުން އެއީ ހަގީގަތުގައިވެސް ވުން އެކަށީގެންވާ ކަމެކެވެ. ފަރުވާތެރިކަމާއެކު އާލާތްތައް ސާފުކޮށް ޑިސްއިންފެކްޓުކުރާނެ ގޮތެއް ހަމަޖައްސާ، އެކަން ގަވައިދުން ކުރުން މުހިންމު:

  • ރައްކާތެރި ދުރުމިނެއްގައި ހުރެގެން ބޭނުންކުރެވޭ “ފިޝްޕޯލް މައިކްރޯފޯން” ވީހާވެސް ބޭނުންކުރާށެވެ. ކްލިޕް މައިކް ބޭނުންކުރަންވާނީ ސާފުތާހިރުކަމުގެ އުސޫލުތަކާއެކު ކޮންޓްރޯލް ކުރެވޭކަހަލަ ހާލަތްތަކުގައި އެކަންޏެވެ.
  • ކޮންމެ އެސައިމެންޓަކަށްފަހުވެސް މައިކުގެ ކަވަރު ނެއްޓުމަށްފަހު ޑިސްއިންފެކްޓުކޮށް، ހޫނުފެނުން ޑިޓާޖެންޓު ލައިގެން ރަނގަޅަށް ދޮންނަންވާނެއެވެ.  އޭގައި ހަރުލާފާ ހުންނަ ޖަރާސީމު އެހެން މީހެއްގެ ގަޔަށް އެރުމުގެ ފުރުސަތު ކުޑަވާނޭ ގޮތަށް ރައްކާތެރިކޮށް ކަވަރު ނައްޓާނޭ ގޮތް ދަސްކޮށް، ތަމްރީން ހޯދާށެވެ. ސާފުކުރަން އުނދަގޫ “ވިންޑް މަފް” ކަވަރު ބޭނުން ނުކޮށްވޭތޯ ބަލާށެވެ.
  • ގެސްޓުން ބޭނުން ކުރުމަށްޓަކައި، އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލާ ގޮތަށް، އަގުހެޔޮ “އިޔާޕީސް” ތަކެއް ހޯދޭތޯ ބަލާށެވެ. ހުރިހާ އިޔާޕީސް ތަކެއްވެސް ބޭނުންކުރުމުގެ ކުރިންނާއި ފަހުން ފޮހެ، ޑިސްއިންފެކްޓް ކުރާށެވެ.
  • ޒިޔާރަތްކުރާ ތަންތަނުގައި ރައްކާތެރި ދުރުމިނެއް ބެހެއްޓުމަށްޓަކައި، ދުރު ފެންނަ ލެންސު ބޭނުންކުރާށެވެ.
  • ވާގަނޑުތަކެއް ނުހުންނަ “މޯބައިލް” އާލާތް ބޭނުންކުރުމަށް އިސްކަންދޭށެވެ.
  • އެސައިމަންޓުގައި އުޅޭއިރު އާލާތްތައް ރައްކާކުރާނެގޮތަކަށް ސަމާލުވާށެވެ. އެއްވެސް އެއްޗެއް އެއްލާލާފައި ނުބާއްވާ، ބޭނުންކުރުމަށްފަހު ކޭސްއަށްލާ ބަންދުކުރާށެވެ. (ފުހެ ސާފުކުރަން ފަސޭހަ ހަރު ކޭސްއަކަށް)
  • ބޭނުންކުރާ އާލާތުގެ ބޭރުން ކޮންމެސް ކަހަލައަކު ޕްލާސްޓިކް ކަވަރެއް އަޅުވައިގެން ބޭނުންކުރެވޭ ކޮންމެ ހާލަތެއްގައި އެގޮތަށް ކަންކުރާށެވެ. މިހެން ހެދުމުން ގެންގުޅޭ އާލާތުން ކޮންޓަމިނޭޓް ވެދާނެ ސާފޭސްތައް މަދުކުރެވި، ސާފުކޮށް ޑިސްއިންފެކްޓުކުރަން ފަސޭހަވޭނެއެވެ.
  • ގެންގުޅޭ ބެޓެރި ފުރާ ޗާޖުކޮށްގެން ދާތަނަކަށް ދާށެވެ. އެތަނަކަށް ގޮސް ޗާޖުކުރާނަމަ ކޮންޓެމިނޭޓް ވެދާނެ އެއްޗެއް އިތުރުވީއެވެ.
  • ފޯނު، ޓެބްލެޓް، ލީޑްސް، ޕްލަގް، އިޔަރފޯން، ލެޕްޓޮޕް، ހާޑް ޑްރައިވް، ކެމެރާ، ޕްރެސް ފާސް، ލެންޔާޑް ފަދަ ހުރިހާ އިކުއިޕްމަންޓެއްވެސް ޑިކޮންޓަމިނޭޓްކުރުމަށް މެލިސެޕްޓޮލް ފަދަ އަވަހަށް މަސައްކަތްކުރާ އެއްޗަކުން ފުހުމަށް ފަހު، ރަނގަޅަށް ސާފުކުރާށެވެ.
  • އަނބުރާ އޮފީހަށް ގެނައުމަށްފަހުވެސް ހުރިހާ އިކުއިޕްމަންޓެއް ޑިކޮންޓަމިނޭޓް ކުރުމަށް ހަނދާންކުރާށެވެ. އަދި އިކުއިޕްމަންޓް ބަލަހައްޓާ ފަރާތްތަކުން އެތަކެތި ރައްކާތެރިކަމާއިއެކު ސާފުކުރުމުގެ ތަމްރީން ލިބިފައިވާކަން ކަށަވަރުކުރާށެވެ. އެއްވެސް އިކުއިޕްމެންޓެއް އެއްލާލާފައި ނުބޭއްވުމަށާއި ސާފުކުރުމުގެ ޒިންމާ އެޅިފައިވާ ފަރާތާއި ހަވާލުނުކޮށް ނުބޭއްވުމަށް ސަމާލުވާށެވެ.
  • އެސައިމަންޓަށް އެއްގަމު އުޅަނދެއް ބޭނުންކުރާނަމަ، އެސައިމަންޓު ނިންމުމަށްފަހު ވެހިކަލްގެ އެތެރެ ސާފުކުރާށެވެ. މިކަން ކުރުމުގެ ތަމްރީން ލިބިފައިވާ ބަޔަކު ލައްވާ ސާފުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ދޮރަށާއި، ސްޓީޔަރިން ވީލްއާއި، ގިޔަރ ސްޓިކްއަށާއި، އަތު ބުރެކިއަށާއި، ދެފަރާތު ލޯގަނޑުތަކާއި، ހެޑްރެސްޓާއި، ސީޓްބެލްޓާއި، ޑޭޝްބޯޑު އަދި ކުޑަދޮރު ހުޅުވާ ސްވިޗުތައް ސާފުކުރުމަށް ޚާއްސަކޮށް ސަމާލުކަމެއް ދޭންވާނެއެވެ.

ކަރަންޓަށްޖަހާ އާލާތްތަށް ސާފުކުރުން

ކަރަންޓަށް ޖަހާ އެކިއެކި އާލާތްތައް ސާފުކުރުމުގައި އާންމުކޮށް ސަމާލުވާންޖެހޭ ކަންކަން ތިރީގައި އެވަނީއެވެ. ސާފުކުރުމުގެ ކުރިން އެއާލާތެއް މެނުފެކްޗަރަރ ދީފައިވާ ގައިޑްލައިން ކިޔަންވާނެއެވެ.

  • ސާފުކުރުމުގެ ކުރިން އެ އެއްޗަކަށް ޖަހާފައިވާ ވާގަނޑު ކަރަންޓު ސޮކެޓުންނާއި ޑިވައިސްއިން ވެސް ނައްޓާ ވަކިކުރަން ވާނެއެވެ.
  • ގެންގުޅޭ އާލާތުކައިރީ ދިޔާ ތަކެތި ނުގެންގުޅޭށެވެ. އަދި ސްޕްރޭ، ބުލީޗު އަދި ހިލަކަރުދާސްފަދަ ތަކެތި ބޭނުންނުކުރާށެވެ. މިއެއްޗެހިން ގެންގުޅޭ އާލާތްތައް ހަލާކުވާނެއެވެ.
  • އެއްވެސް ސްޕްރޭއެއް ސީދާ އާލާތަށް ނުޖަހާށެވެ.
  • ސާފުކުރުމަށް ބޭނުންކުރަންވާނީ ފުށްނާރާ، މަޑު ފޮތިކޮޅެކެވެ.
  • ފޮތިކޮޅު އެއްކޮށް ފޯކޮށްނުލާ ކުޑަ ފެންފޮދަކުން ތެންމާލުމަށްފަހު ކުޑަ ސައިބޯނި ކޮޅެއް އަޅާ އަތުން ފޮތިކޮޅުގައި ސައިބޯނި ރަނގަޅަށް ހާކާލާށެވެ.
  • ތެންމާފައިވާ ފޮތިކޮޅުން އާލާތް ރަނގަޅަށް ފުހެލާށެވެ.
  • ގެންގުޅޭ އާލާތުގައި ހުޅުވިފައި ހުންނަ (ޗާޖުކުރާ ސޮކެޓު، އިޔާފޯން ޕޯޓު، ކީބޯޑު ފަދަ) ތަންތަނަށް ފެންވަނަ ނުދޭށެވެ.
  • އާލާތް ހިއްކުމަށް އެހެން ސާފު، މަޑު، ހިކި ފޮތިކޮޅެއް ބޭނުންކުރާށެވެ.
  • ބައެއް މެނުފެކްޗަރަރުން އާލާތުގެ ބައެއް ތަންތަން ސާފުކުރަން 70 ޕަސެންޓު އައިސޮޕްރޮޕިލް ޓިޝޫ ބޭނުންކުރަން ލަފާދެއެވެ.
  • ގެންގުޅޭ އެއްވެސް އާލާތެއް ޑިސްއިންފެކްޓު ކުރުމުގެ ކުރިން، މެނުފެކްޗަރަރ ލަފާދޭގޮތް ބަލާށެވެ. ޑިސްއިންފެކްޓެންޓު ބޭނުންކުރުމުން އާލާތަށް ގެއްލުންވެދާނެއެވެ.

މި އާޓިކަލްއިން މިކަމާއި ގުޅޭ އިތުރު ތަފްސީލު ލިބޭނެއެވެ.

މެޑިކަލް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ)

އަމިއްލަ ސަލާމަތީ އާލާތްތައް ނުވަތަ މެޑިކަލް ޕީޕީއީ (އެއްފަހަރު ބޭނުންކުރާ އަންގި އާއި ބޫޓު ނިވާކުރާ ކަވަރު، މޫނުގައި އަޅާ މާސްކު، ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރާ އެޕްރޮން/އޯވަރއޯލް/ބޮޑީސޫޓް ފަދަ ތަކެތި) ރައްކާތެރި ކަމާއިއެކު އެޅުމަށާއި ބޭލުމަށް، އެތަކެތި ބޭނުންކުރަން އޮންނަ ރަނގަޅުގޮތް ދަސްކޮށް އަމަލުކުރުމަކީ ވަރަށް ފަރުވާތެރިކަމާއެކު ކުރަންޖެހޭކަމެކެވެ. ސީޑީސީ އިން މިފަދަ ތަކެތި ބޭނުންކުރަން އަންގާފައިވާ ގޮތް ބެލުމަށް މިލިންކަށް ފިތާލާ. ޕީޕީއީގައި ހަރުލާފައި ހުންނަ ޖަރާސީމު އެހެން މީހެއްގެ ގަޔަށް އެރުމުގެ ފުރުސަތު އެންމެ ބޮޑު ވަގުތަކީ އެތަކެތި ބާލާއިރުކަމަށްވާތީ، މިކަމުގައި ފަރުވާކުޑަނުކުރާށެވެ. އެއްވެސް ވަރަކަށް ޝައްކު ކުރެވޭނަމަ، އެސައިމަންޓަށް ދިޔުމުގެ ކުރިން ކަމުގެ މާހިރެއްގެ ފަރާތުން ލަފަޔާއި ތަމްރީނު ހޯދާށެވެ.

ވަރަށް ގިނަ ގައުމުތަކުގައި މެޑިކަލް ޕީޕީއީ އަދިވެސް ވަރަށް ބޮޑަށް މަދުކަމުން، މިތަކެތި ބޭނުންކުރުމުން މިތަކެތި ހޯދާމީހުންނަށް ދަތިތަކަކާއި ކުރިމަތިވެދާނެކަމަށް ސަމާލުވާށެވެ.

  • ބޭނުންކުރާ ޕީޕީއީ އަކީ ތިބާއަށް ހެޔޮވަރު ސައިޒެއްގެ އެއްޗެއްތޯ ޔަގީންކުރާށެވެ. ރަނގަޅަށް ފިޓްނުވާ ޕީޕީއީ ބޭނުންކުރުމުން، އެތަކެތި ވީދައިން ގޮސް، ހެލިފެލިވެ އުޅުމަށް ދަތިވެ (މާ ބާރުނަމަ) ، އަދި (މާ ދޫނަމަ) ދޮރުގެ މުށްގަނޑުފަދަ ތަންތާ އަޅައިގަނެ ވީދައިގެން ދިޔުން އެކަށީގެންވެއެވެ.
  • އިތުބާރުކުރެވޭ ބްރޭންޑުތަކުން އުފައްދާފައިވާ މެޑިކަލް ޕީޕީއީ ބޭނުންކުރާށެވެ. އަދި މިނިމަމް ސޭފްޓީ ރިކުއާމަންޓަށް ސަމާލުވާށެވެ. ނިއު ޔޯކް ޓައިމްސްއިން ފާހަގަކޮށްފައިވާ ފަދަ ހަލާކުވެފައިވާ އިކުއިޕްމަންޓު ނުވަތަ ސެކިޔުރިން އިންޑަސްޓްރީއިން ފާހަގަކޮށްފައިވާފަދަ އަސްލުނޫން އުފެއްދުންތަކަށް ސަމާލުވާށެވެ. އެންމެ އިތުބާރުކުރެވޭ، ނަން މަޝްހޫރު ބްރޭންޑުތައް މިތަނުން ފެންނާނެ.
  • ސިއްހީ ފަރުވާދޭ މަރުކަޒެއް ކަހަލަ ބަލިފެތުރިފައިވާ ތަނަކުން މަސައްކަތްކުރާނަމަ ނުވަތަ އެފަދަ ތަނަކަށް ޒިޔާރަތްކުރާނަމަ ޕްރޮޓެކްޓިވް ގްލޮވް (އަންގި) ލައްވާށެވެ. ލޭޓެކްސް އަންގިއަށް ވުރެ ރައްކާތެރިކަން ބޮޑުވާނީ ނައިޓްރިލް އަންގި ބޭނުންކޮށްގެންނެވެ. ދެ އަންގި މަތިމަތިން ލުމުން ރައްކާތެރިކަން އިތުރުވާނެއެވެ.
  • ސިއްހީ ފަރުވާދޭ މަރުކަޒެއް ފަދަ ހައި ރިސްކް ހިސާބަކުން ރިޕޯޓުކުރާނަމަ، ފުލް ބޮޑީސޫޓް އަދި ފުލް ފޭސް މާސްކު ބޭނުންކުރަން ޖެހުމަކީ ވަރަށް ގާތްކަމެކެވެ.
  • ފުލް ބޮޑީ ކަވަރއޯލް ބޭނުންކުރާނަމަ، އެ އެއްޗެއް ލުމުގެ ކުރިން ފާހާނާކުރުމަށް ހަނދާންކުރާށެވެ.
  • އެސައިމަންޓުގެ ޒާތުން ފަހަރުގައި ޑިސްޕޯޒަބަލް ބޫޓު ނުވަތަ ބޫޓުމަތިން ލައްވާ ވޯޓަރޕްރޫފް އޯވަރޝޫޒް ބޭނުންކުރަން ޖެހިދާނެއެވެ. މީގެން ކޮންމެ އެއްޗެއްވެސް އެތާކުން ނުކުތުމަށްފަހު ސާފުކުރަންވާނެއެވެ. ވޯޓަރޕްރޫފް އޯވަރޝޫޒްއެއް އެއްވެސް ހާލަތެއްގައި އެއްފަހަރަށް ވުރެ ގިނައިން ބޭނުންކޮށްގެން ނުވާނެއެވެ. އަދި ސަރަހައްދުން ދިޔުމުގެ ކުރިން ރައްކާތެރި ގޮތަކަށް ޑިސްޕޯޒް ކުރަންވާނެއެވެ.
  • އެއްވެސް މެޑިކަލް ޕީޕީއީއެއް ލެއްވުމާއި ނެގުމުގައި، ތަމްރީނު ލިބިފައިވާ މާހިރެއްގެ އެހީހޯދުމަކީ އެންމެ ރަނގަޅުގޮތެވެ. މިތަކެތި ލައްވާ ނުވަތަ ނަގާ ވަގުތަކީ ވައިރަހަށް އެކްސްޕޯޒްވާ ވަގުތުކަމުގައި ވެދާނެއެވެ. މިތަކެތި ލައްވާނޭ ގޮތާއި ނަގާނެ ގޮތް ދައްކައިދޭން ސީޑީސީއިން ތައްޔާރުކޮށްފައިވާ ވީޑިޔޯތައް ފަހަރުގައި އެހީއަކަށް ވެދާނެއެވެ. ނަމަވެސް ތަމްރީނު ލިބިފައިވާ މީހެއްގެ އެހީ ހޯދުންއެއީ އެންމެ ރަނގަޅުގޮތެވެ.
  • އެއްވެސް ހާލެއްގައި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާފާޑުގެ އަންގި، ބޮޑީސޫޓް، އޭޕްރޮން ނުވަތަ ބޫޓު ކަވަރު ދެވަނަ ފަހަރަށް ބޭނުންނުކުރާތި. ދެވަނަ ފަހަރު ބޭނުންކުރާ އެއްވެސް އާލާތެއް ވަރަށް ރަނގަޅަށް ޑީކޮންޓަމިނޭޓްކޮށް ސެނިޓައިޒްކުރަން ޖެހޭނެ. ކޮންޓެމިނޭޓް ވެފައިވާ ހުރިހާ މެޑިކަލް ޕީޕީއީ އެއްވެސް އެސަރަހައްދަކުން ދިޔުމުގެ ކުރިން ޑިސްޕޯޒް ކުރަން ހަނދާން ބަހައްޓާށެވެ.

މާސްކު

މުޖުތަމައުތެރޭގައި ރިޕޯޓުކުރަމުގައި އުޅޭ ނޫސްވެރިން ބަންދުކޮށްފައިވާ ތަންތަނަށާއި ތޮށްޖެހިފައިވާ ތަންތަނަށްގޮސް އާންމުންނާއި ވާހަކަދައްކަން ޖެހިދާނެއެވެ. އެހެންކަމުން މާސްކު ރަނގަޅަށް ބޭނުންކުރުމަކީ ވަރަށް މުހިންމުކަމެކެވެ. 9 ޖުލައި 2020 ގައި ޑަބްލިޔުއެޗްއޯއިން ނެރުނު އަޕްޑޭޓެޑް އެޑްވައިސްގައި ބުނެފައިވަނީ ކޮވިޑް19 ވައިގެ މަގުން ފެތުރެނީ ވަކިކަހަލަ ހާލަތްތަކެއްގައި ކަމަށެވެ. މީގެ ތެރޭގައި ވައި ބަންދުވެފައިވާ ތަންތަނާއި ތޮށްޖެހިފައިވާ ތަންތަން ހިމެނެއެވެ. ވައިގެ ތެރޭގައި ވައިރަސް ހުންނަ މިންވަރު މިފަދަ ތަންތަނުގައި އާދަޔާހިލާފަށް ގިނަވުމުން ބައްޔަށް ހުށައެޅުމުގެ ފުރުސަތުވެސް ބޮޑުވާނެއެވެ.

ގިނަ ގައުމުތަކަކުން މިހާރު އާންމުން މާސްކު އެޅުމަށް އަންގަމުން ނުވަތަ ލަފާދެމުންދާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކުރެއެވެ. ސީޑީސީ އިން ލަފާދެނީ އާންމުމިން ބޭރުތެރޭގައި އުޅޭއިރު މެޑިކަލް ގްރޭޑް މާސްކު (ވަރަށް މަދުވެފައިވާ އެއްޗެއް) ބޭނުން ނުކުރިނަމަވެސް އެއްފަށަލައަށްވުރެ ގިނަފަށަލައިގެ ފޮތިކޮޅެއް ބޭނުންކޮށްގެން އަނގައާއި ނޭފަތް ނިވާކުރުމަށެވެ. 60 އަހަރުން މަތީގެ މީހުން ނުވަތަ ދާއިމީ ބައްޔަކަށް ފަރުވާ ހޯދާ މީހުން، ބޭރުތެރޭ ޖިސްމާނީ ގައިދުރުކަން ނުބެހެއްޓޭފަދަ ތާކު އުޅޭނަމަ މެޑިކަލް ގްރޭޑް މާސްކު އެޅުމަށް ޑަބްލިޔުއެޗްއޯ އިން ލަފާދެއެވެ. މިނޫން އެންމެން ތިންފަށަލައިގެ ފޮތި މާސްކު އެޅުމަށް އެޖަމިއްޔާއިން ލަފާދެއެވެ.

ރަނގަޅަށް ބޭނުން ނުކުރެވޭނަމަ މާސްކަކީ ބަލިފެތުރުމުގެ ސަވާރީއަކަށް ވެދާނެކަމުގެ ބިރުއޮވެއެވެ. ލާންސެޓް އިން ދާދި ފަހުން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި ބަލިފެތުރޭ ވައިރަސް ސާޖިކަލް މާސްކެއްގައި ހަތްދުވަސް ވަންދެން ހަރުލާފައި ހުރެއެވެ. މި ހޯދުމުން އެނގެނީ މާސްކު ނެއްޓޭގޮތަކުން ނުވަތަ އެއް މާސްކެއް ދެފަހަރު ބޭނުން ކޮށްގެން ނުވަތަ މާސްކު ބޭނުންކުރާއިރު މޫނުގައި އަތްލެވިގެން ބަލިޖެހުމުގެ ނުރައްކާ އޮންނަކަމެވެ.

މާސްކެއް އަޅާނަމަ ތިރީގައިވާ ކަންކަމަށް ސަމާލުވާށެވެ:

  • ކޮންމެހެން ބޭނުންކުރަން ޖެހިއްޖެނަމަ އާންމު ސާޖިކަލް މާސްކެއްގެ ބަދަލުގައި ބޭނުންކުރަން ރަނގަޅީ N95 (ނުވަތަ FFP2/FFP3) މާސްކެވެ.
  • މާސްކު އަޅާއިރު، ވީހާވެސް ހުޅުވިފައި ހުންނަ ތަންކޮޅުކޮޅު މަދުވާނޭހެން ނޭފަތުގެ މަތިންނާއި ދަތްދޮޅި ދަށުން މާސްކު ބާރުކުރާށެވެ. އަދި މާސްކު އަޅާފައި ހުންނައިރު މޫނާޖެހި ބާރުކޮށް ބެހެއްޓުމަށް ތުނބުޅިއާއި މަތިމަސް ވީހާވެސް ކުރުކޮށް ބަހައްޓާށެވެ. މަތިމަހާއި ތުނބުޅި ދިގުނަމަ މާސްކު ބާރެއްނުވާނެއެވެ.
  • މާސްކު އަޅާއިރު މާސްކު ސޭފްޓީ މިންގަނޑުތަކަށް އަމަލުކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އެއްވެސް ވަރަކަށް މާސްކުގެ ކުރިމަތީ އަތްނުލާށެވެ. މާސްކު ނައްޓާނީ އޭގެ ވާގަނޑުންނެވެ. އަދި މާސްކު އެޅުމަށްފަހު ކޮންމެހެން ބޭނުންވެގެން ނޫނީ މާސްކާއި ނުކުޅޭށެވެ. މާސްކުގައި އަތްޖެހިއްޖެނަމަ ވަގުތުން އަތްދޮންނާށެވެ.
  • އެއް މާސްކެއް ދެ ފަހަރު ބޭނުން ކުރުމަކީ ނުރައްކާ ބޮޑުވާކަމެކެވެ. ބޭނުންކޮށް ނިމުމުން އަވަހަށް ކޮތަޅަކަށްލާ ބަންދުކޮށްފައި ޑަސްބިންކުރާށެވެ.
  • މާސްކު ނެއްޓުމަށްފަހު ހޫނުފެނާއި ސައިބޯނި ލައިގެން ނުވަތަ އަލްކަހޯލް ބޭސްޑް (60 ޕަސެންޓް އިތެނޮލް ނުވަތަ 70 ޕަސެންޓް އައިސޮޕްރޮޕެނޮލް އެކުލެވިގެންވާ) ހޭންޑް ސެނިޓައިޒަރ އެއް ބޭނުންކޮށްގެން އަތްދޮންނާށެވެ.
  • މާސްކުގައި ތެތްކަން ފާހަގަވާން ފަށާއިރަށް އާ މާސްކެއް އަޅާށެވެ.
  • މާސްކު އެޅުމަކީ ހަމައެކަނި އަމިއްލަ ރައްކާތެރިކަމަށް ކުރެވޭ ކަންތަކުގެ އެއްބައިކަން ހަނދާންބަހައްޓާށެވެ. މިއާއެކު އާދަކޮށް އަތްދޮވުމާއި މޫނު، ލޯ، އަނގަ، ނޭފަތް އަދި ކަންފަތުގައި އަތްލުމުން ދުރުވެ ހުންނަންވާނެއެވެ.
  • ދިރިއުޅޭ ތަނެއްގެ ގޮތުން މާސްކު ހުސްވުން ނުވަތަ މާސްކުގެ އަގު މައްޗަށް ގޮސްދާނެކަން ދަންނާށެވެ.

ޑިޖިޓަލް ސެކިޔުރިޓީ

  • ކޮވިޑް-19 އާ ގުޅިގެން ކުރާ ނޫސްވެރިކަމުގެ ސަބަބުން ނޫސްވެރިންނަށް އޮންލައިން ހަމަލާތަކާ ކުރިމަތިލާން ޖެހިދާނެކަން ހަނދާން ބަހައްޓާށެވެ. މިފަދަ ހަމަލާތަކުން ރައްކާތެރިވެ ހުރުމަށް ސީޕީޖޭއިން އަމަލުކުރަން ލަފާދޭ ގޮތްތައް ބަލާލާށެވެ.
  • ކޮވިޑް-19 ފެތުރޭ މިންވަރު ދެނެގަތުމަށް ސަރުކާރުތަކުންނާއި ޓެކް ކުންފުނިތަކުން ދަނީ ސަވީލިޔަންސް ބޭނުންކުރަމުންނެވެ. މީގެ ތެރޭގައި ޕެގަސަސް ކިޔާ ސްޕައިވެޔަރ އެއް އުފެއްދި ކުންފުންޏެއް ކަމަށްވާ އެންއެސްއޯ ގްރޫޕް ހިމެނެއެވެ. ސިޓިޒަން ލެބްއިން ބުނާގޮތުގައި މީގެކުރިން ނޫސްވެރިންނަށް ޓާގެޓު ކުރުމަށް ޕެގަސަސް ބޭނުންކޮށްފައިވެއެވެ. މަދަނީ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކުން އަންނަނީ، ކުރިމަތިވެފައި މިވާ ސިއްހީ ކާރިސާ ނިމުމުން މިފަދަ ސަވީލިޔަންސް އުކުޅުތައް ބޭނުންކުރާނޭ ގޮތްތަކާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޕްރައިވެސީ އިންޓަނޭޝަނަލްއިން ދަނީ ދުނިޔޭގެ އެކިހިސާބުތަކުގައި މިފަދަ އުކުޅުތައް މިވަގުތު ބޭނުންކުރަމުންދާގޮތް ބަލާ އެޖަމިއްޔާގެ ވެބްސައިޓުގައި އާންމުކުރަމުންނެވެ.
  • ކޮވިޑް-19 ގެ މައުލޫމާތު ހިމެނޭކަމަށް ބުނާ ލިންކު ނުވަތަ ޑޮކިޔުމަންޓްތައް ހުޅުވުމުގެ ކުރިން ސަމާލުވާށެވެ. އިލެކްޓްރޯނިކް ފްރޮންޓިޔަރ ފައުންޑޭޝަން އިން ބުނާ ގޮތުގައި މީހުން ދަނީ މިވަގުތުގެ ސިއްހީ ހާލަތާއި ބިރުވެރިކަން ބޭނުންކޮށްގެން ފަރުދުންނާއި ޖަމިއްޔާތަކަށް ފިޝިން އެޓޭކްސް ޒަރިއްޔާއިން ޓާގެޓުކުރަމުންނެވެ. މިފަދަ ހަމަލާތަކުން އެމީހެއްގެ ފޯނު ނުވަތަ ކޮމްޕިޔުޓަރުގައި ނުރައްކާތެރި މަލްވެޔަރ އިންސްޓޯލްވެއެވެ.
  • ސޯޝަލް މީޑިޔާ ނުވަތަ މެސެޖިން އެޕްތަކުގައި ހުންނަ ލިންކުތައް ހުޅުވުމުގެ ކުރިންވެސް ސަމާލުވާށެވެ. މިފަދަ ލިންކުތަކުން މަލްވެޔަރ އެޅޭފަދަ ވެބްސައިޓު ތަކަށް ވަދެވިދާނެއެވެ.
  • ކޮވިޑް-19 ޓްރެކަރ” ފަދަ މަކަރުވެރި އެޕުތަކަށް ސަމާލުވާށެވެ. މިކަހަލަ އެޕުތަކުން ރޭންސަމްވެޔަރ ބޭނުންކޮށްގެން މީހުންނަށް ބިރުދައްކަމުން ގެންދެއެވެ.
  • ޑަބްލިޔުއެޗްއޯ ފަދަ އިތުބާރުހުރި މަސްދަރުތަކުން ނެރޭ އެންމެ ފަހުގެ މައުލޫމާތުތައް ބޭނުންކޮށްގެން ހަދާފައި ހުންނަ ބައެއް ޗާޓުތަކަކީވެސް މަލްވެޔަރ ހިމެނޭ އެއްޗެހިކަމަށް ހަބަރު ލިބެއެވެ. މިފަދަ މަލްވެޔަރ ބޭނުންކޮށްގެން މީހުންގެ ޕާސްވޯޑު ވަގަށް ނަގާފާނެއެވެ.
  • ސަރުކާރުތަކުގެ ވާގިއާއެކު ފަތުރަމުންދާ ދޮގުހަބަރުތަކަށް ހޭލާތިބޭށެވެ. މިފަދަ ކަމެއް ގާޑިއަން ނޫހުން ވަނީ ފާހަގަކޮށްފައެވެ. އަދި ހަމަ މީގެއިތުރުން އާންމުން ފަތުރާ ދޮގު ހަބަރުތަކަށްވެސް ސަމާލުވާށެވެ. މިކަމަށް ވަކިން ސަމާލުކަންދިނުމަށް ޑަބްލިޔުއެޗްއޯ އިންވެސް އަންގާފައިވެއެވެ. އަދި ބީބީސީން މިކަން ފާހަގަކޮށްފައި ވެއެވެ. އާއްމުކޮށް ފަތުރާ ދޮގުމައުލޫމާތުތަކަށް ޖަވާބުދޭ ލިޔުމެއް ޑަބްލިޔުއެޗްއޯ ވެބްސައިޓުން ފެންނާނެއެވެ.
  • މެސެޖުކުރާ އެޕުތަކުގައި ކޮވިޑް-19 އާއި ގުޅުވައިން ފަތުރަމުންދާ މައުލޫމާތުތަކަށް ސަމާލުވާށެވެ. މީގެ ތެރޭގައި ދޮގު ހަބަރާއި ދޮގު މައުލޫމާތު ހިމެނިދާނެއެވެ.
  • ފޭސްބުކުގައި މިހާރު ކޮވިޑް-19 އާއި ބެހޭ މައުލޫމާތު މޮޑަރޭޓުކުރަނީ އިންސާނުންގެ ބަދަލުގައި އާޓީފިޝަލް އިންޓެލިޖެންސްކަން ހަނދާން ބަހައްޓާށެވެ. މީގެ ސަބަބުން ބައްޔާ ބެހޭ ސައްހަ، ތެދު މައުލޫމާތުވެސް ނޭނގި އުނިކުރެވެއެވެ.
  • އޮންލައިން ކޮންފަރެންސް ހިދުމަތްތަކާއި ޕްރައިވެސީ މައްސަލަތަކާއި ބެހޭ މައުލޫމާތު ހޯދާށެވެ. އޭރުން މި ހިދުމަތްތަކަކީ ކިހާ ރައްކާތެރި ހިދުމަތްތަކެއްކަމާއި، އެހިދުމަތްތަކުން އެއްކުރާ ޕާސަނަލް ޑޭޓާއާއި އެ ޑޭޓާއާ މެދު ކަންކުރާ ގޮތް އެނގި އެކަމަށް ސަމާލުވެވޭނެއެވެ. ގިނަ ބަޔަކު ގެއިން މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި އެކި ހިދުމަތްތަކަށް ހެކަރުން ދަނީ ޓާގެޓް ކުރަމުންނެވެ.
  • ހުދުމުހުތާރު ވެރިކަމެއް އޮންނަ ގައުމުތަކުގައި ތިބެގެންނާއި އެގައުމުތަކާ ބެހޭގޮތުން ރިޕޯޓުކުރާއިރު ކުރިމަތިވެދާނެ ނުރައްކަލަކަށް ހޭލާތިބޭށެވެ. މިފަދަ ސަރުކާރުތަކުން ކޮވިޑް-19 އާއި ގުޅޭ މީޑިޔާ ރިޕޯޓުތައް މޮނީޓަރު ކުރުން އެކަށީގެންވެއެވެ. ބައެއް ސަރުކާރުތަކުން ބަލި ފެތުރިފައިވާ މިންވަރު ފޮރުވަން މަސައްކަތް ކޮށްފާނެއެވެ. އަދި މީޑިޔާތައް ސެންސަރު ކުރުމަށް މަސައްކަތް ކޮށްފާނެއެވެ. އެކި ގައުމުތަކުގައި މިފަދަ ކަންކަން ހިނގާކަން ސީޕީޖޭއަށް ފާހަގަ ކުރެވިފައިވެއެވެ.

ކުށްގިނަވުން އަދި އެސައިމަންޓުގައި އުޅޭއިރު ޖިސްމާނީ ރައްކާތެރިކަމަށް ސަމާލުވުން

އެސައިމަންޓުގައި އުޅޭ ނޫސްވެރިންނަށް އަނގަބަހުން ފުރައްސާރަ ކުރުމާއި ޖިސްމާނީ ހަމަލާދިނުން ފަދަ މީޑިޔާއާއި ބީރަށްޓެހި ވިސްނުމާއި އަމަލުތައް އިތުރުވަމުން ދާތީ މިކަމަށް ނޫސްވެރިން ސަމާލުވާށެވެ. ޔޫއެސް ޕްރެސް ފްރީޑަމް ޓްރެކަރ އިން ބުނާގޮތުން މިފަދަ ކަންކަން އެމެރިކާ، ޖަރުމަނީ، އިނގިރޭސި ވިލާތް، އިންޑިޔާ އަދި ސޯމާލިޔާއިން ފެނިފައިވެއެވެ.

ދުނިޔޭގެ އިގްތިސާދީ ހާލަތު އަދިވެސް ފެންނަނީ ބަނަކޮށެވެ. ގިނަ ބަޔެއްގެ ވަޒީފާ ގެއްލި، ބައި ބިލިޔަނެއްހާ މީހުން ފަގީރު ހާލަތަށް ވެއްޓުމުގެ ފުރުސަތު އޮތްކަމަށް އޮކްސްފާމް އިން ބުނެއެވެ. މިދަނޑިވަޅުގައި ކުށްކުރުން އިތުރުވުމަކީ ވަރަށް ގާތްކަމެކެވެ. ވަކިން ހާއްސަކޮށް ސައިބަރކްރައިމް އިތުރުވަމުންދާކަން ޔުނިވާސިޓީ އޮފް ކޭމްބްރިޖްގެ ދިރާސާތަކުން ދައްކާފައިވެއެވެ.

  • އެހެން ގައުމަކަށް އެސައިމަންޓަކަށް ދަތުރުކުރެވޭނަމަ (ތިރީގައި)، ދިޔުމުގެ ކުރިން އެގައުމެއްގެ އެންމެ ފަހުގެ ސަލާމަތީ ހާލަތު ދިރާސާކުރާށެވެ. މިހާރަށް ހަމަނުޖެހުންތަކުގެ މިންވަރު ދަށްވެފައިވީނަމަވެސް، ފެބްރުއަރީ މަހަށްފަހު ދުނިޔޭގެ އެކިކަންކޮޅުތަކުގައި މުޒާހަރާތަކާއި ހަމަނުޖެހުންތައް ހިންގާފައިވެއެވެ. ދެވަނަ ވޭވްއަކާއި ގުޅިގެން ލޮކްޑައުންތައް އަލުން އިއުލާންކޮށްފިނަމަ އަލުން ހަމަނުޖެހުން ހިނގާފާނެއެވެ.
  • މީހުން ދިރިއުޅޭ އާބަން ސަރަހައްދުތައް ކުރިއަށްވުރެ ހަމަހިމޭންވެފައި ވާއިރު ފުލުހުންގެ ވަސީލަތްތަށް މިވަގުތު ދަނީ އެހެން ކަންކަމަށް އަމާޒުކުރެވިފައެވެ. މިހާލަތުގެ ނާޖާއިޒު ފައިދާ ނެގުމަށް ކުށްވެރިން މަސައްކަތް ކޮށްފާނެކަމުގެ ބިރުއެބައޮތެވެ. ބައެއް ނޫސްވެރިން ބުނާގޮތުން އެމީހުންނަށް މިހާރުވެސް އަނގަބަހުން ފުރައްސާރައާއި، ޓާގެޓުކުރުމާއި، ޖިސްމާނީ ހަމަލާތައްވެސް ކުރިމަތިވެފައިވެއެވެ. އެހެންކަމުން ރައްކާތެރިކަމަކީ ޔަގީންކަމެއް ކަމަށް ނުދެކޭށެވެ.
  • ރަށްފުށު ސަރަހައްދުތަކުން ރިޕޯޓު ކުރާއިރު ހާއްސަ ސަމާލުކަމެއްދޭށެވެ. އެތަންތަނަށްދާ “ބީރަށްޓެހިން” ކޮވިޑް-19 ހިފައިން ގޮސްދާނެކަމަށް ހީކޮށް ބައެއްމީހުންގެ ޝައްކާއި ރުޅި އަމާޒުވެދާނެއެވެ.
  • ކޮވިޑް-19އާ ގުޅިގެން ލޮކްޑައުން ފިޔަވަޅުތައް ތަންފީޒުކުރުމުގައި ފުލުހުން އެކަށީގެންނުވާ ވަރަށް ބާރުގެ ބޭނުންކޮށްފާނެއެވެ. މިސާލަކަށް ޖިސްމާނީ ހަމަލާދީ، ޓިއާ ގޭސް، ރަބަރު ވަޒަން އަދި ލައިވް އެމިޔުނިޝަންވެސް ބޭނުންކޮށްފާނެއެވެ.
  • ޖަލު ނުވަތަ ޑިޓެންޝަން ސެންޓަރުފަދަ ތަންތަނުން ރިޕޯޓުކުރާއިރު އެތަނުގެ ގައިދީން ކޮވިޑް-19 އާއި ގުޅިގެން މުޒާހަރާކޮށްގެން އަދި/ނުވަތަ ރަޔަޓުކޮށްގެން ކުރިމަތިވެދާނެ ނުރައްކަލަކަށް ނޫސްވެރިން ސަމާލުވާންވާނެއެވެ. ދާދިފަހުން މިފަދަ ކަންކަން ސިޔެރާ ލިޔޯން، އިޓަލީ، ނައިޖީރިޔާ، ކޮލަމްބިޔާ އަދި އިންޑިޔާގައި ވަނީ ހިނގާފައެވެ.
  • އިރާގު، އެމެރިކާ، އަޔަލެންޑް، އިންޑޮނީޝިޔާ، އިތިޔޮޕިއާ، ފަލަސްތީން، ސޮމާލިލާންޑް އަދި އިރާން ފަދަ ގައުމުތަކުގެ ޖަލުތަކުގެ އާބާދީ މަދުކުރުމަށް ގައިދީންތަކެއް ދޫކޮށްލާފައިވާއިރު، މި ފަދަ ހާލަތްތަކުގައި ކުށުގެ އިންސައްތަ މައްޗަށް ގޮސްދާނެކަން ދަންނާށެވެ.
  • ލޮކްޑައުން އަލުން އިއުލާންކޮށްފިނަމަ އަދި/ނުވަތަ ވަޒީފާގެއްލުން އިތުރުވާނަމަ ލޫޓުވުމާއި، ތަންތަނުން ފޭރުން އިތުރުވެދާނެއެވެ. ވީމާ މިކަމަށް ސަމާލުވެ ހުންނާށެވެ.
  • ހުދުމުހުތާރު ވެރިކަމެއް އޮންނަ ގައުމެއްގައި މަސައްކަތްކުރާ ނޫސްވެރިން ކޮވިޑް-19 ގެ ހަބަރުތައް ރިޕޯޓުކުރުމުން، ބަންދުކޮށް ހައްޔަރުކޮށްދާނެކަން ދަނެ، މިފަދަ ނުރައްކާތަކަށް ސަމާލުވާންވާނެއެވެ. މިފަދަ ކަންކަން ސީޕީޖޭއަށް މިހާރުވެސް ވަނީ ފާހަގަކުރެވިފައެވެ.

އެހެން ގައުމުތަކަށް ދަތުރުކުރަންޖެހޭ އެސައިމަންޓްތައް

ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުރި ހުރަސްތަކުގެ ސަބަބުން، ބޭރު ގައުމުތަކަށް ދަތުރުކުރުން އަދިވެސް ވަނީ އުނދަގޫ ކަމަކަށެވެ. ނަމަވެސް ބޭރު ގައުމަކަށް ދަތުރު ކުރަންޖެހޭ އެސައިމަންޓެއް ލިބިއްޖެނަމަ ތިރީގައިވާ ކަންކަމަށް ސަމާލުވާންވާނެއެވެ:

  • އެއް ގައުމެއްގައިވެސް އެކިތަންތަނުގައި ފުރަބަންދާއި ކާފިޔު ފިޔަވަޅުތައް ތަފާތުވެދާނެއެވެ. އެއްވެސް އެންގުމަކާނުލާ ލޮކްޑައުން ފިޔަވަޅުތައް އަލުން އިއުލާނުކޮށްފާނެކަން ހަނދާން ބަހައްޓާށެވެ.
  • ދަތުރުކުރާ ގައުމެއްގެ ސަބަބުން ގައުމަށް އެނބުރި އައުމުން ކަރަންޓީން ވާންޖެހޭގޮތަށް އުސޫލުތައް ބަދަލުވެދާނެއެވެ. ދާދިފަހުން ސްޕެއިންއަށް ދަތުރުކުރުމަށްފަހު އިނގިރޭސިވިލާތަށް އެނބުރި އައި މީހުންނަށް މިފަދަ ކަންކަމާއި ކުރިމަތިލާންޖެހުނެވެ. ކުރިން އެންގުމެއް ނެތި މިފަދަ އުސޫލުތައް ބަދަލުވެދާނެއެވެ.
  • މަސައްކަތްކުރަން ގަސްތުކުރާ ސަރަހައްދުގައި ސިއްހީ ފަރުވާދޭ މަރުކަޒުތައް ހޯދާ، ދަސްކޮށްފައި ބަހައްޓާށެވެ. ސިއްހީ ހިދުމަތްދޭ މަސައްކަތްތެރީން ކުރިން އެންގުމެއް ނެތި ހަޅުތާލުކުރަން ނުވަތަ މުޒާހަރާކުރަން ފަށައިދާނެއެވެ. މިފަދަ ކަންކަން އިންޑިޔާ، ސިޔެރާ ލިޔޯން، ނައިޖީރިޔާ އަދި ފްރާންސްއިން ފެނިފައިވެއެވެ.
  • ޕީޕީއީ މަދުވެފައި ނުވަތަ އެއްވެސް ވަރަކަށް ލިބެން ނެތުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެސައިމަންޓުގެ ކުރިން މިކަން ދިރާސާކޮށް، ބޭނުންވާނެނަމަ ސަޕްލައި ގެންދާށެވެ.
  • ފުރުމުގެ ދުވަސްކޮޅެއް ކުރިން ދަތުރުކުރާ ގައުމަކާއި ގުޅޭ ވެކްސިންތައް ޖަހާ ނިންމާފައި ބަހައްޓާށެވެ. ބައްޔާއި އެއްވައްތަރު އަލާމާތްތައް ފެނި އޮޅުން އެރިޔަނުދިނުމަށް ފްލޫ ވެކްސިން ޖެހުމަކީ ކުރެވިދާނެ ކަމެކެވެ.
  • ޓްރެވަލް އިންޝުއަރެންސް ޕޮލިސީ ޗެކްކުރާށެވެ. ކޮވީޑް-19 އާއި ގުޅިގެން ކުރާ ދަތުރުތަކަށް އިންޝުއަރެންސް ކަވަރ ލިބުން ދަތިވެދާނެކަން ހަނދާން ބަހައްޓާށެވެ. ގިނަ ގައުމުތަކުން ވަނީ ބޭރު ގައުމުތަކަށް ދަތުރުކުރުމާ ދެކޮޅަށް އެކި ދަރަޖައިގެ ޓްރެވަލް އެޑްވައިސް އާއި އެލާޓް ނެރެފައެވެ.
  • އެއްވެސް އިވެންޓަކަށް ދާން ތައްޔާރުވާނަމަ އޭގެ ސްޓެޓަސް ގަވައިދުން ބަލާށެވެ. ވަރަށް ގިނަ ގައުމުތަކުގައި އާއްމު ތަންތަނުގައި އެއްވެއުޅުން ނުވަތަ ވަކިވަރަކަށްވުރެ ގިނަމީހުން އެއްވުން ވަނީ މަނާކޮށްފައެވެ.
  • ދާން ގަސްދުކުރާ ގައުމަކުން އެހެން ގައުމުތަކުގެ މީހުންނަށް ބޯޑަރު ބަންދުކޮށްފައި ވޭތޯ ނުވަތަ ބަންދުކުރަން އުޅޭތޯ ބަލާށެވެ. މިކަންކަން ވަރަށް އަވަހަށް ބަދަލުވުން ގާތެވެ.
  • ގައުމުތަކުގެ އާބަން މަރުކަޒުތަކާއި، ވަކިވަކި ސަރަހައްދުތަކާއި، ގައުމު އެއްކޮށްވެސް އެންގުމަކާނުލާ ލޮކްޑައުން ކޮށް ކަރަންޓީން ކޮށްފާނެކަމަށް ސަމާލުވެ، ދިމާވެދާނެ ހާލަތަކަށް ދުރާލާ ތައްޔާރުވާށެވެ. ބައެއް ޖަމިއްޔާތަކާއި ވެރިންދަނީ އެކި ގައުމުތަކުގައި ތިބޭ އެމީހުންގެ މުވައްޒަފުން އެތަނަކުން ކުއްލިޔަކަށް ނެރެން ޖެހިއްޖެ ހާލަތެއްގައި ކަންކުރާނެ ގޮތަކަށް ތައްޔާރީތައް ވަމުންނެވެ.
  • ދުނިޔޭގެ އެކިހިސާބުތަކުގައި ވަރަށް ގިނަ އެއްގަމު ބޯޑަރުތައް އަދިވެސް ވަނީ ބަންދު ކުރެވިފައެވެ. ހުޅުވާ ބޯޑަރުތައްވެސް އަލުން ބަންދުކުރުން އެކަށީގެންވެއެވެ. ދިމާވެދާނެ ހާލަތަކަށް ތައްޔާރުވާއިރު މިކަންވެސް ހަނދާން ބަހައްޓާށެވެ.
  • ބަލި ހާލުގައި ހުރެ ދަތުރު ނުކުރާށެވެ. ގިނަ އިންޓަނޭޝަނަލް އެއާޕޯޓު ތަކާއި ރީޖަނަލް އެއާޕޯޓުތައް އަދި ދަތުރުފަތުރުގެ ހަބް ތަކުގައި ވަރަށް ފަރުވާތެރިކަމާއެކު ސްކްރީން ކުރަމުން އެބަދެޔެވެ. ދަތުރުވެރިން ޓެސްޓުކޮށް ކަރަންޓީނު ކުރާނެކަން ނުވަތަ އަމިއްލައަށް އެކަހެރިވާން އަންގާނެކަން ވަރަށް ޔަގީންކަމާއެކު ބުނަން އެނގެއެވެ.
  • ގިނަ މަންޒިލްތަކަށް ދާނެ/އަންނާނެ ފްލައިޓުތައް އެއާލައިންތަކުން ކެންސަލް ކޮށްފައިވާތީ ދުނިޔޭގައި ދަތުރުފަތުރު ކުރާނޭ ގޮތްތައް އަދިވެސް ވަރަށް މަދެވެ.
  • ޓިކެޓު ގަންނަ އިރު އެއްކޮށް ރިފަންޑު ކުރެވޭ ކަހަލަ ޓިކެޓު ގަންނާށެވެ. ރިޕޯޓުތައް ބުނާގޮތުން ކޮވިޑް19 އާ ގުޅިގެން ގިނަ އެއާލައިންތަކަށް ވަނީ މާލީ ދަތިތަކަކާއި ކުރިމަތިވެފައެވެ.
  • އިތުރަށް ގެންދާނެ އެއްޗެއްސާ މެދު ވިސްނާށެވެ. ގިނައެއްޗެހި އެއްފަހަރާ ގަތުން ނުވަތަ ޕެނިކް ބަޔިން ފަދަ ކަންކަން މިހާރު މަޑުޖެހިފައިވީނަމަވެސް، ކުރިއަށް އޮތްތާވެސް މާސްކު، ހޭންޑް ސެނިޓައިޒާ، ސައިބޯނި، ދަޅުކާނާ އަދި ޓޮއިލެޓު ޕޭޕަރު ފަދަ ތަކެތި ހުސްވުމަކީ ވެދާނެކަމެކެވެ. ކޮވިޑް-19 އާއި ގުޅިގެން މަސައްކަތްތެރިން މަދުވުމުންނާއި ހަޅުތާލުކުރާތީ އެއްޗެހި ގަތުމަށް އިތުރަށް ދަތިވެދާނެއެވެ.
  • ދަތުރުކުރަން ހަމަޖެހިފައިވާ ގައުމުގައި ވިސާ ދޫކުރުމުގައި ބަދަލެއް އައިސްފައި ވޭތޯ ބަލާށެވެ. ވަރަށް ގިނަ ގައުމުތަކުން ވަނީ ވިސާ ދޫކުރުން ހުއްޓާލާ، ކުރިން ދޫކޮށްފައިވާ ވިސާތައް ސަސްޕެންޑު ކޮށްފައެވެ.
  • ދަތުރުކުރަން ހަމަޖެހިފައިވާ ގައުމުން، އެގައުމަށް އަންނަ މީހުން ކޮވިޑް-19 ނެތްކަން ޔަގީންކުރުމަށް މެޑިކަލް ސެޓުފިކެޓަކަށް އަހާތޯ ޗެކްކުރާށެވެ.
  • ދަތުރުކުރާއިރު ސިއްހަތު ސްކްރީން ކުރުމަށް އަދި ޓެމްޕަރޭޗަރ ނަގާހަދަން އެއާޕޯޓުގައި ގިނައިރު ވެދާނޭކަމަށް ބަލައިގެން ދަތުރުގެ ޝެޑިޔުލް ރާވާށެވެ. ރޭލު ސްޓޭޝަންތަކާ ބަނދަރުތަކާއި ދިގު ދަތުރުތަކަށް ފުރާ ބަސް ސްޓޭޝަން ތަކަށް ދަމުންވެސް މިފަދައިން އަމަލުކުރާށެވެ.
  • ދަތުރުކުރާ ގައުމަކަށް ވަންނަން ހަމަޖެހިފައިވާ މަގަށް ގެންނަ ބަދަލުތައް ރަނގަޅަށް ބަލާށެވެ. ބޭރު މީހުންނަށް ބައެއް ގައުމުތަކަށް ވަދެވެނީ ވަކި ހާއްސަ އެއާޕޯޓުތަކާއި ޓާމިނަލްތަކަކުންނެވެ.
  • އުޅޭ ގައުމެއްގައި ސިޓީގެ އެތެރޭގެ ދަތުރުފަތުރުކުރުމަށް ގެންނަމުންދާ ބަދަލުތައް ބެލުމަށް އެގައުމެއްގެ ލޯކަލް މީޑިޔާ ބޭނުންކުރާށެވެ.

އެސައިމަންޓަށް ފަހު

  • އެއްވެސް އަލާމާތެއް ފެނޭތޯ އަމިއްލަ ސިއްހަތު ބަލަމުން ގެންދާށެވެ.
  • ހައި ރިސްކު އެސައިމަންޓަކަށްފަހު، އުސޫލެއްގެ ގޮތުން އަމިއްލައަށް އެކަހެރިވާން ޖެހިދާނެއެވެ. ސަރުކާރުން މިކަމާ ގުޅިގެން ދޭ އިރުޝާދަށް ރިޢާޔަތް ކުރާށެވެ.
  • ދަތުރަށް ފުރާތަނުންނާއި ދަތުރުގެ މަންޒިލުގައި ކޮވިޑް-19 އާއި ގުޅިގެން ދެމުންދާ އެންމެ ފަހުގެ މައުލޫމާތުތަކާއި ކަރަންޓީން އަދި އެކަހެރިކުރުމުގެ ކަންކަން ތަންފީޒުކުރާގޮތް މޮނީޓަރ ކުރާށެވެ.
  • ދިރިއުޅޭ ގައުމުގައި ބަލި ފެތުރެމުންދާ މިންވަރަކަށް ބަލާފައި، ގައުމަށް އެނބުރި އައުމަށްފަހު ސާދަ ދުވަސް ވަންދެން ގަޔާއި ކައިރިވާ އެންމެންގެ ނަމާއި ނަމްބަރުތައް ޑައިރީ އެއްގައި ލިޔެވިދާނެއެވެ. ތިމާގެ ގައިން އަލާމާތްތައް ފެންނަން ފަށައިފިނަމަ ކޮންޓެކްޓް ޓްރޭސް ކުރުމަށް އޭރުން ފަސޭހަވާނެއެވެ.

އަލާމާތްތައް ފެންނަން ފަށައިފިނަމަ

  • ކޮވިޑް-19 ގެ ކިތަންމެ ކުޑަ އަލާމާތެއް ނަމަވެސް ފެންނަން ފަށައިފިނަމަ، މެނޭޖްމަންޓަށް އަންގާށެވެ. އަދި އެސައިމަންޓު ނިމުނު އިރު ހުރިތަނަކުން، ގެޔަށް ދާން އެކަށީގެންވާ ގޮތެއްހޯދަން އެކުގައި މަސައްކަތްކުރާށެވެ. ފުރަތަމަވެސް ޓެކްސީއަކަށް އަރައިގެން ދާން ނަހަދާށެވެ.
  • އަމިއްލަ މީހާއާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި، ޑަބްލިޔުއެޗްއޯ އަދި ސީޑީސީ އިން ނުވަތަ ގައުމުގެ ކަމާބެހޭ ފަރާތުން ދޭ އިރުޝާދުތަކަށް ބޯލަނބާށެވެ.
  • އަލާމާތްތައް ފެށޭތާ މަދުވެގެން 7 ދުވަސް (އެގައުމެއްގެ ސަރުކާރުންދޭ ލަފާގެ ގޮތުން މިމުއްދަތު ތަފާތުވާނެ) ވުމުގެ ކުރިން ގެއިން ބޭރަށް ނުނިކުންނާށެވެ. މިހެން އަމަލުކުރުމުން މުޖުތަމައުގެ އެހެން މީހުން ބަލިން ރައްކާތެރިވުމަށް އެހީތެރިވެދޭނެއެވެ.
  • ދުރާލާ ރާވާ، އެހެން މީހުން ގާތު އެހީ އަށް އެދޭށެވެ. ވަޒީފާދޭ ފަރާތް ނުވަތަ ރަހުމަތްތެރިން ނުވަތަ އާއިލާ ގާތު، ބޭނުންވާ އެއްޗެހި ގެނެސްދީ ދޮރު ކުރިމަތީ ބަހައްޓައިދިނުމަށް އެދޭށެވެ.
  • ގޭތެރޭގައި އުޅޭ އެހެން މީހުންނާ ދޭތެރޭ ރައްކާތެރި ދުރުމިނެއް ބެހެއްޓޭތޯ ބަލާށެވެ.
  • އެހެން މީހުންނާ ވަކިން ނިދަން އޮވެވޭ ނަމަ ވަކިން އޮންނާށެވެ.
  • އެހެން މީހުންނާއެކު ދިރިއުޅޭނަމަ، އެންމެންވެސް ވަކިމުއްދަތެއް ވަންދެން އެކަހެރިވާން ވާނެއެވެ. މިކަމާއި ބެހޭ ބޭނުންތެރި ގައިޑެއް މިތަނުން ފެންނާނެއެވެ. ހަރުލާފައި ހުންނަ ޖަރާސީމު އެހެން މީހުން ގަޔަށް ފެތުރުނަ ނުދިނުމަށް، ބަދިގެ އަދި ފާހާނާ ބޭނުން ކުރާއިރު އިތުރަށް ސަމާލުވާންޖެހޭނެއެވެ.
  • ހޫނު ފެނާއި ސައިބޯނި ބޭނުންކޮށްގެން އާދަކޮށް އަދި ފުރިހަމައަށް އަތް ދޮންނާށެވެ.
  • އުމުރުން ދުވަސްވީ މީހުން ނުވަތަ ދިގު މުއްދަތަކަށް ބައްޔަކަށް ބޭސްކުރާ މީހުން ފަދަ، ބަލީގެ ނުރައްކާ ބޮޑު މީހުންނާ ވީހާވެސް ދުރަކުން އުޅޭށެވެ.
  • އަމިއްލަ އަށް އެކަހެރިވެ ހުންނައިރު އަލާމާތްތައް އިތުރު ނުވާހާ ހިނދަކު، ސިއްހީ އިދާރާތަކަށް ގުޅާކަށް ކޮންމެހެން ނުޖެހޭނެއެވެ.

ސީޕީޖޭގެ އޮންލައިން ސޭފްޓީ ކިޓަކީ ނޫސްވެރިންނާއި މީޑިޔާތަކަށް ޖިސްމާނީ، ނަފްސާނީ އަދި ޑިޖިޓަލް ސަލާމަތީ މައުލޫމާތުތަކާއި މަދަނީ ހަމަނުޖެހުމާއި، އިންތިހާބުތައް ފަދަ ކަންކަން ކަވަރުކުރުމާބެހޭ ސަލާމަތީ މައުލޫމާތު ހިމެނޭ ވަސީލަތެކެވެ.

(އެޑިޓަރުގެ ނޯޓު: މި އެޑްވައިޒަރީ ފުރަތަމަ ޝާއިއުކުރެވިފައިވަނީ 10 ފެބްރުއަރީ 2020 ގައެވެ. އޭގެ ފަހުން މި ލިޔުން ގަވައިދުން މުތާލިޔާކުރެވެމުންދާއިރު މަތީގައި ޖަހާފައިވާ ތާރީހުން އެންމެފަހުން އަދާހަމަ ކުރެވުނު ދުވަސް އެނގޭނެއެވެ.)